ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ހިލަޔާއި ހިލަވެލި އެތެރެކުރަމުން އަންނަ އިންޑިއާގެ މޯހަން މުތާ (އެމްއެމް އެކްސްޕޯޓްސް) އިން ރާއްޖޭގައި ރިސޯޓެއް ވެސް ހަދަން ފަށައިފި އެވެ.

އެމްއެމް އެކްސްޕޯޓް އަކީ ރާއްޖޭގެ ފަޅުތަކާއި ބަނދަރުތައް ހެދުމަށް ހިލަ އެތެރެ ކުރާ އެންމެ ވަރުގަދަ ކުންފުންޏެވެ.

އިންޑިއާގެ ދަ ހިންދޫ ބިޒްނަސްލައިން ގައި ރިޕޯޓު ކޮށްފައިވާގޮތުން އެމްއެމް އެކްސްޕޯޓްސް އިން ރާއްޖޭގައި ރިސޯޓެއް ހަދަން 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓު ހެދުމުގެ މަޝްރޫއަށް ފައިސާ ހޯދަނީ ރާއްޖޭގެ ބޭންކަކުން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

އެ ރިސޯޓަކީ ވެޖެޓޭރިއަން ކެއުން ލިބޭ އެ ރިސޯޓެއް ކަމަށާއި އެއްވެސް ބާވަތެއްގެ ބަނގުރަލެއް ނުވިއްކާނެ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުގެ ބައެއް މަސައްކަތްތައް އެމްއެމް އެކްސްޕޯޓްސްއަށް ވަނީ ސަބްކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފަ އެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ބައެއް މަސައްކަތާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މޯހަން މުތާ އެކްސްޕޯޓްގެ ހިލަ އުފުލާ ބާޖު ތަކަކީ ރާއްޖޭގެ ފަރަށް އެރުމުގެ ތާރީހެއް އޮތް ކުންފުންޏެކެވެ. އަދި އެމްއެމް އެކްޕޯޓްސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބޮޑެތި ވެލި ފުނިތަކުން ގަވާއިދާ ހިލާފަށް ވެލި ނަގައިގެން ވިއްކާ މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ.