ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިހާތަނަށް 585.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

"ކޯވިޑް ރިކަވަރީ ލޯނު"ގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބެންކް އޮފް މޯލްޑިވްސްއިންނެވެ. އަދި ކުދި ވިޔަފާރިތަކަށް ލޯން ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 441 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. މިއީ ޖުމްލަ 585.9 މިލިއަން ރުފިޔާ އާއި 8 މިލިއަން ޑޮލަރެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި ލޯން ސްކީމްގެ ދަށުން ބީއެމްއެލްއަށް 602 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 441 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފަ އެވެ. އަދި ޝަރުތު ހަމަނުވާ 141 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެ އެވެ. 20 ފަރާތެއްގެ އެޕްލިކޭޝަން ރިޖެކްޓްކުރި ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް ރިކަވަރީ ލޯން ސްކީމަކީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ބީއެމްއެލްއިން ތައާރަފުކުރި ލޯނު ސްކީމެކެވެ.