އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭސްއަކީ، ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރު ފެށި އެއް އެއާލައިނެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން އެ އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުފެށީ ޖުލައި 18، 2020 ގަ އެވެ.

އިއްތިހާދު އެއާވޭސްއިން މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު 7 ދަތުރެވެ. ނަމަވެސް ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ޑިސެމްބަރު 1 އިން ފެށިގެން އެ އެއާލައިނުން ހަފުތާއަކު އިތުރު 3 ދަތުރު ރާއްޖެއަށް ބާއްވާނެ އެވެ. އަދި އަންނަ ޖެނުއަރީ 1 އިން ފެށިގެން އިތުރު 4 ދަތުރު ބޭއްވުމަށް ނިންމާފައިވެ އެވެ. މިއާއެކު އަންނަ އަހަރު ފެށޭއިރު އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު ހަފްތާއަކު 14 އަށް އިތުރުވާނެ އެވެ.

ކޮވިޑްގެ ކުރިން އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރަމުންދިޔައީ ހަފްތާއަކު ދެ ދަތުރެވެ. ނަމަވެސް މިހާރު ޑިމާންޑަށް ބެލުމަށްފަހު އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނާތީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.9 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.