ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޝަކުވާތައް އީމެއިލްއެއް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ފޮނުވޭ ގޮތް ޓޫރިޒަމް މިނިސްޓްރީން ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއީއޭއެމް) ގެ އިސް ބޭފުޅުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިފަދަ އީމެއިލް ގާއިމް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އީމެއިލްއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި އީމެއިލް އެޑްރެހަކީ [email protected] އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓުވީޓުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކާއި ހިޔާލުތައް އީމެއިލް އަށް ފޮނުވޭނެ ކަމަށް ބުނެފަ އެވެ. އަދި އީމެއިލްތައް ކާކުކަން ނޭނގޭ ގޮތަށް ވެސް ފޮނުވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެސޯސިއޭޝަންގެ އިސް ބޭފުޅުން، މިނިސްޓަރު މައުސޫމްއާ އެކު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށް ދެއްވައިފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެބޭފުޅުންގެ ފަރާތުން ލިބުނީ "ވަރަށް ދެރަ ހަބަރުތަކެއް" ކަމަށެވެ. އެކަމަކު، އެއީ "ވާހަކައިގެ ނިމުން" ނޫން ކަމަށާއި އެކުގައި މަސައްކަތްކޮށްގެން މި ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.