މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ވިސްތާރާ އެއާލައިނުން ރާއްޖެ އާއި ނިއު ދިއްލީއާ ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ވިސްތާރާއިން ބުނީ އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް ދަތުރުތައް ފެށުމުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ 320 ނިއޯ އެއާކްރާފްޓެވެ.

ވިސްތާރާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ މާޒު މަހުގެ ތެރޭގައެވެ. އޭރު ދަތުރުތައް ފެށީ މުމްބާއީ އާއި ރާއްޖެއާ ދެމެދު އެވެ.

ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ސަންސް އާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.

އިންޑިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެގައުމުން ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.