އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތު (އެންސީއެމްއެޗް)އިން އިންތިޒާމްކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން 16 އަށެވެ. އަދި މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ 'ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް' އެވެ.

'އޮއެވަރު' ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި އިވެންޓްގެ މަޤްސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވާ މިކަމާ ގުޅޭ ވާހަކަ އާންމުކުރުމެވެ. މީގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަށް އެއްތަނެއްގައި މުޢާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި އިވެންޓުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތަށް ގާއިމްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތައުލީމީ ޕްރެސެޝަންތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދައިދޭފަދަ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.