އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމްތައް ހޯދި ފަޚުރުވެރި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ އައިއޯއައިޖީ 2023ގައި ރާއްޖެއަށް މެޑަލް ހޯދައިދިން ހުރިހާ އެތްލީޓުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއި އެކި ކުޅުވަރު އެސޯޝިއަންތަކުގެ މަންދޫބުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

މިއަހަރުގެ އައިއޯއައިޖީ 2023ގައި ރާއްޖޭއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފަ އެވެ. އެއީ ފަސް ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި 14 ލޯ މެޑަލްއެވެ. މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ޕަރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯއެވެ. ދިރާގުން ބޭއްވި މި ރަސްމިއްޔާތުގައި ދިރާގުން ވަނީ އައިއޯއައިޖީ 2023ގައި މެޑަލް ހޯދި 48 މެޑަލިސްޓުންނަށް ޚާއްސަ އިނާމެއް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިކާމިޔާބީ ހާސިލްކުރުމަށްޓަކައި އެތުލީޓުން ކެނޑިނޭޅި ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ކުރިއަށް އޮތްތަނުގައި ވެސް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ އައިއޯއައިޖީ 2023ގައި އެތުލީޓުން ހޯދި މޮޅު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ ޖަމިއްޔާތަކާއެކު ދިރާގުން ޤާއިމްކޮށްފައިވާ ޑިޖިޓަލް އަދި ޑިވެލޮޕްމަންޓް ޕާޓްނާޝިޕް ފާހަގަކޮށް، ރާއްޖޭގެ ކުޅިވަރު ދާއިރާއާއި އެތުލީޓުން ކުރިއެރުވުމަށް އެހީތެރިވުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަމަށްވެސް އިސްމާއިލް ވަނީ އަލިއަޅުއްވާލާފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހި ޒުވާނުން އިތުރަށް ކުރިއަރުވާ ކަންކަމަށް އެއްބާރުލުންދިނުމަށެވެ.