މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރައިގެ 50 ޕަސެންޓް އަނެއްކާވެސް ޑޮލަރުން ދޭން ނިންމައިފި އެވެ.

މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދިނުން ހުއްޓާލާފައި އޮތީ ކޮވިޑާ ގުޅިގެންނެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ދެމުންދާނީ ޑޮލަރުން ކަމަށެވެ.

"ކޮވިޑް-19ގެެ ހާލަތާ ގުޅިގެން މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދެމުން ގެންދިޔަ ގެންދިއުން މެދުކަނޑާލުމަށް ފަހު ސެޕްޓެމްބަރު 2023 އިން ފެށިގެން އަލުން އަނބުރާ ދޭ ގޮތަށް ހަމަޖެއްސި ކަމުގައި ދެންނެވީމެވެ" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ސޮއިކުރައްވައި ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލް އަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނުން އަންނަ ކުންފުންޏެވެ. މުސާރާގެ 50 ޕަސެންޓް ޑޮލަރުން ދެމުން އަންނައިރު އެންމެ ބޮޑު ބޯނަހެއް ވެސް ދޭ ކުންފުންޏަކީ އެމްއޭސީއެލް އެވެ. ފާއިތުވި ދެ އަހަރު އަހަރީ ބޯނަސްގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް 25،000ރ. ދީފައިވެ އެވެ.