ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްގެ ކަސްޓަމަރުންނަށް އެއާލައިނުން ޓިކެޓު ގަންނައިރު މޯލްޑިވިއަންގެ ޓިކެޓް ބުކު ކުރެވޭ ގޮތް ހަދައިފި އެވެ.

މިއީ މޯލްޑިވިއަން އާއި އެމިރޭޓްސް އިން މިދިޔަ އަހަރު ސޮއިކުރި އެމްއޯޔޫގެ ދަށުން އަމަލުކުރަން ފެށި ގޮތެކެވެ.

މޯލްޑިވިއަނާއި އެމިރޭޓްސް އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް، މޯލްޑިވިއަންގެ އެތެރޭގެ 16 މަންޒިލަކަށް އުދުހުމަށް އެމިރޭޓްސްގެ ޓިކެޓު ގަންނައިރު ޓިކެޓު ބުކް ކުރެވޭނެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއާލައިނާ އެކު ޕާޓްނަޝިޕް ހެދުމަށް އޮތް ފުރުސަތުތަކަށް މަސައްކަތް ކުރުމަކީ އަދަދު ނުކުރެވޭހާ ގިނަ ފުރުސަތުތައް ފަހިވާނެ ކަމެކެވެ. އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތު ލިބުމަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން އިންޑަސްޓްރީގައި އަލުން މަގާމު ދަމަހައްޓައި ހަމަޖެހިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށާއި އިންޓަލައިން އައި ކޯޑްޝެއާ އެރޭންޖްމަންޓަކަށް އާދެވިއްޖެ ނަމަ މޯލްޑިވިއަން އާއި އެމިރޭޓްސްގެ ކަނެކްޓިވިޓީ އާއި ހިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް އެމިރޭޓްސް ދެ މަތިންދާބޯޓު.

ރާއްޖޭގެ ގިނަ މަންޒިލުތަކަކަށް ދަތުރުކުރަން ފަސިންޖަރުންނަށް މިއީ ބޮޑު ފަސޭހައަކަށް ވާނެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއާލައިންގެ ގޮތުގައި ދެމިއޮންނަން މޯލްޑިވިއަން އަށް ލިބުނު އިތުރު ފުރުސަތެއް،" ހަމްދާން ވިދާޅުވި އެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާނު ހާޒިމް ވިދާޅުވީ އެ އެއާލައިންގެ ފަސިންޖަރުންނަށް ރާއްޖޭގެ ގިނަ މަންޒިލުތަކަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފުރުސަތުތައް މިއާއެކު ފަހިވާނެ ކަމަށެވެ.

"މެދުއިރުމައްޗާއި އެމެރިކާ އަދި ޔޫރަޕާއި އެފްރިކާ އިން ރާއްޖެ ދަތުރުކުރާ އެމިރޭޓްސްގެ ފަސިންޖަރުންނަށް އެމީހުންގެ ފައިނަލް މަންޒިލާއި ހަމައަށް ދާން ޓިކެޓު ބުކް ކުރެވޭނެ. އެއް ޓިކެޓަކުން ފައިނަލް މަންޒިލާއި ހަމައަށް ދަތުރު ކުރެވޭނެ،" އަދުނާން ވިދާޅުވި އެވެ.

ބަޔާނުގައި ބުނެފައިވަނީ އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރިއަށް ގެންދާނެ ކަމަށެވެ.