މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު މާދަމާ އިން ފެށިގެން 25ރ. އަށް ބޮޑު ކުރުމަށް މިފްކޯއިން ނިންމައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އެގޮތަށް ނިންމައި، އެކަމާ ގުޅޭ "ލިޔެކިޔުންތައް މިހާރު ފުރިހަމަކުރަމުން" އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ބެހޭ ތަފްސީލު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ދިވެހި މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މަހަށް ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމައި އެ ގައުމުތަކުން އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވެ އެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ދެވަނަ ބުރުގައި ރައީސް ސޯލިހާ ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި މަސް ކިލޯއެއްގެ އަގު 20ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ.

މިރޭ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވަނީ ދެކުނުގެ މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.