ކ. ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ މަޝްރޫއުގެ ދަށުން، ތިލަފުށިން ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ އޭރިއާ އޭ، ބީ، އީ އަދި އެފްގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އާބަންކޯ އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބުރާސްފަތި ދުވަހު ފެށީ އޭރިއާ ބީގެ ބިން ހިއްކުމުގެ މަސައްކަތެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ތިލަފުށީގެ އޭރިއާ ސީ އަދި ޑީ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި، މިހާރު ފަށާފައި ވަނީ އޭރިއާ ބީ ގެ ބިންހިއްކުމުގެ މަސައްކަތް ކަމަށް އާބަންކޯ އިން ބުނެ އެވެ.

މި މަސައްކަތުގެ ތެރެއިން ހިއްކަން ހަމަޖެހިފައި ވަނީ

  • އެރިއާ އޭ އިން 71.5 ހެކްޓަރުގެ ބިން
  • އެރިއާ ބީ އިން 39.6 ހެކްޓަރުގެ ބިން
  • އޭރިއާ އީ އިން 5.9 ހެކްޓަރުގެ ބިން
  • އޭރިއާ އެފް އިން 0.73 ހެކްޓަރު ބިން

އާބަންކޯ އިން ބުނީ ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މީގެ އިތުރުން މާލެ ސަރަޙައްދު ތަރައްގީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ. ހަމަ މިއާއެކު އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމަޢަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ،" އާބަންކޯ އިން ބުނެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތްކުރަނީ. ތިލަފުށީގެ ދެވަނަ ފިޔަވަހީގެ އެރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 14 ވަނަ ދުވަހު. ފޮޓޯ: އާބަންކޯ

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ދެކެ އެވެ.