މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްޤީކުރި، "ޗައިލްޑްކެއާ ސްޕޭސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންފަޒްނާ އަޙްމަދު ހުޅުއްވައި ދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގަ އެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައި ދެއްވުމަށްފަހު، މެޑަމް ފަޒްނާ ވަނީ، އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފަ އެވެ. މިތަން ތަރައްޤީކޮށްފައި ވަނީ، އާބަންކޯ ހެޑް އޮފީހުގެ ދެ ވަނަ ފަންގިފިލާގަ އެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ތިން މުވައްޒަފަކު މަސައްކަތް ކުރަމުންދާނެ އެވެ. އަދި އެތަން ހާއްސަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެ އެވެ. "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

މުވައްޒަފުންގެ މަސައްކަތު ގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއް ނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.