މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގައި ބުނީ މި އެލްވަންސް ދިނުމަށް ނިންމާފައިވަނީ އެއާސައިޑްގައި މަސައްކަތްކުރާ މުވައްޒަފުންނަށްކަމަށެވެ. އެއާ ސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރިސްކް، ނުވަތަ ކުރާ މަސައްކަތުގެ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުސަތު ހިމެނޭ މަސައްކަތްތަކެއް ކުރާ މުވައްޒަފުންނަށް ވާތީ، އެފަދަ މުވައްޒަފުންނަށް ހާއްސަ ރިސްކް އެލަވަންސެއް ދިނުމަށް ނިންމީކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި އެލަވަންސްއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ ބާވަތާއި އެކަމުގައި ހިމެނޭ ރިސްކް ކެޓަގަރައިޒްކުރުމަށްފަހު، މަސައްކަތް ކުރާ ދުވަހަށް ދެވޭ އެލަވަންސްއެކެވެ.

އެ ކުންފުނިން ބުނީ މި އުސޫލުގެ މަތިން މި އެލަވަންސް، އަންނަ މަހުން ފެށިގެން މުވައްޒަފުންނަށް ލިބެމުން ދާނެކަމަށެވެ. މި އެލަވަންސްގެ ރިސްކް ކެޓަގަރީތަކާއި އެލަވަންސް ދޭ ރޭޓުތަށް ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް އަންގާނެކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.