ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެންއޭސީއަ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަތޮޅުތަކުގެ ތަރައްގީއަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި ކުރުމަށް ފަހު އެގްރީމެންޓުގައިވާ ގޮތަށް އިންވޮއިސް ފޮނުވުމުން ވެސް ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ދަތިވެ، މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން އުނދަގޫވެ މަސައްކަތަށް ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަށް ފައިސާ ދޭން ދަތިވެފައިވާ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންއޭސީއައި އިން ބުނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާ ކުރާ ގޮތަށް ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވޭ ހާލަތްތަކުގައި އޭގެ ޖޫރިމަނާ ވެސް ކޮންޓްރެކްޓަރުންނަށް ވެސް ދޭން ޖެހޭ ކަމަށެވެ.

ސަރުކާރުން އެކި ފަރާތްތަށް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބުމަކީ ބޮޑު ޝަކުވާ އެކެވެ. އަދި ރަށްރަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހިދުމަތް ދިނުމަށް ވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.