ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އަށް 5 އަހަރު ފަހުން ފުރަތަމަ ފަހަރަށް ފައިދާ ވާން ފަށައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓަލީ ރިވިއު" ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިއޭއެސްއަށް 557.60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ޕީސީބީ އިން ނެރުނު ރިޕޯޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ބަޔާންކޮށްފައިވެ އެވެ. އެގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުންޏެއްގެ މާލީ ހާލަތު ވަކިވަކިން އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އައިއޭއެސްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނު 557.60 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރުު 27 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިއޭއެސް އިން ވަނީ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު މަރުކާގެ ދެ މަތިންދާ ބޯޓު ގެނެސްފަ އެވެ. އަދި އެ ކުންފުނިން ހިންގާ ފަރެސްމާތޮޑާ އެއާޕޯޓަށް އެކުއާޓަރުގެ ތެރޭގައި ދަތުރުތައް ފަށާފައިވާއިރު، މާފަރު އެއާޕޯޓުން ޕްރައިވެޓް ޖެޓްތަކަށް ވަނީ ޖެޓް ފިއުލް ވިއްކަން ވެސް ފަށައިފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އައިއޭއެސް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން އޮޕަރޭޓްކުރާ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަތުރުކުރި ފަސިންޖަރުންގެ އަދަދު އިތުރުވުމެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ 16 ޕަސެންޓަށް އިތުރުވިއިރު، ބޭރު ގައުމުތަކަށް ކުރާ ދަތުުރުތަކުން ދެ ޕަސެންޓް އަދި ސީޕްލޭން ދަތުރުތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 15 ޕަސެންޓް އިތުރުވެފަ އެވެ.

އޭގެ އިތުރުން އައިއޭއެސް އިން މެނޭޖްކުރާ މާފަރު އެއާޕޯޓަށް ޖެއްސި ޖެޓްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ގްރައުންޑް ހޭންޑްލިންގްއިން ލިބުނު އާމްދަނީ އެ ކުއާޓަރުގެ ތެރޭގައި ވަނީ 88.9 ޕަސެންޓް އިތުުރުވެފަ އެވެ.

ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނި ހިންގައިގެން 41.55 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފަ އެވެ.

އާމްދަނީ އިތުރުވެ ކުންފުނި ހިންގައިގެން ލިބުނު ފައިދާ އާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިއޭއެސްއަށް ވަނީ ސާފު ފައިދާގެގޮތުގައި 10.74 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައި ވަނީ 53.58 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެކުންފުންނަށް ވަނީ 53.46 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.