އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮމެޓީއެއް އެކުލަވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އައު ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީއެއް މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކޮމެޓީގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތު ހާމައެއް ނުކުރައްވަ އެވެ.

ފިރުޒުލް ވިދާޅުވީ އެކޮމެޓީއަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއަށް އެމައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ބަޖެޓް އެކުލަވާލުމުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން އޭގައި ހިމަނައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް 2024 ވަނަ އަހަރުގެ ބެޖެޓް ފަރުމާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް. އެ ޔަގީންކަން ދެއްވާފައިވޭ." ފިރުޒުލް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓު އެކުލަވާލުމުގައި، ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު އަދި އެމްޑީޕީގެ ފަރާތުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައިން ފެށިގެން ވެސް އިންތިހާބީ ރައީސް މުއިއްޒުގެ އޮފީހަށް އިދާރާތަކުން އެއްބާރުލުން ލިބޭ ކަމަށެވެ. އެކަމަކު، އިންތިގާލީ މަރުހަލާގެ ރޫހާ ހިލާފަށް ބައެއް ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތުތައް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ހިސާބުކިތާބަށް ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ކޮންމެވެސް ވަރެއްގެ ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުން ފަދަ ކަންކަން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ. އަޅުގަނޑުމެންގެ އިލްތިމާސްކަމަކީ އެފަދަ ކަންކަން ނުކުރުން،" ފިރުޒުލް ވިދާޅުވި އެވެ.