މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް 1.18 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.8 ދަށް އަދަދެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.4 ދަށް އަދަދެއް ކަމަށް މީރާއިން ހާމަކުރެ އެވެ.

ސެޕްޓެމްބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 523.05 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 232.29 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 136.80 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 71.19 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ސެޕްޓެމްބަރު މަހުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.62 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.

މީރާއިން ބުނާ ގޮތުގައި، ސެޕްޓެމްބަރު 2022 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ސެޕްޓެމްބަރު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ކޯޕަރޭޓް ޢިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

މީގެ ސަބަބަކީ، ގްރީން ޓެކްސް އަދި ޖީއެސްޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން، މި ސުންގަޑި އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް މީރާއިން ބުންޏެވެ.

މިއާއެކު އެއާޕޯޓް ޓެކުހާއި ފީ، ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ސުންގަޑި ވެސް އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުގެ ސަބަބުން ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ވެސް ދަށްވެފައިވާކަމަށް މީރާއިން ބުނެ އެވެ.