ތެހެރާން (26 ޖެނުއަރީ) - މަޝްހޫރު އެންކްރިޕްޓެޑް މެސެޖިން ޕްލެޓްފޯމް "ސިގްނަލް" ބޭނުންކުރާ މީހުން އީރާންގައި އިތުރުވުމާއެކު އެ ގައުމުން ސިގްނަލް އެޕްލިކޭޝަން ބޮލޮކް ކޮށްފި އެވެ.

ހޯމަ ދުވަހުން ފެށިގެން އީރާންގައި ސިގްނަލް އެޕް ބޭނުން ކުރާ މީހުން ވަނީ އެ އެޕް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވާ ކަމަށް ބުނެފަ އެވެ. ސިގްނަލްއިން އެ މައްސަލަތަކަށް އެޑްރެސްކޮށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ އީރާންގައި ސިގްނަލް އެޕް ބޭނުން ކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމުން އެ ގައުމުގެ ސަރުކާރަށް އެކަން ނުހުއްޓުވުމުން އެންމެ ފަހުން ސިގްނަލް އެޕް އީރާންގައި ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ.

ޖެނުއަރީ 14 ވަނަ ދުވަހު އީރާންގެ ސަރުކާރުން ވަނީ އެޕް ސްޓޯތަކުން ސިގްނަލް ނެގުމަށް އަންގާފަ އެވެ. އަދި މިހާރު އެޕް ޑައުންލޯޑް ކުރުމަށް ފިއްތާލުމުން ފެންނާނީ އެޕް ބޭންކޮށްފައިވާކަމާއި ދިމާވާ ދަތިތައް ގަބޫލުކުރާތީ ޝުކުރުއަދާކުރާ ކަމަށެވެ.

ސިގްނަލް އިން ބުނިގޮތުގައި އީރާންގެ މީހުންނަށް ވެސް ޕްރައިވެސީ ބޭނުންވެ އެވެ.

އީރާންގައި ސިގަންލް މަނާކުރީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހިންގާ ރޭވުންތައް ހުއްޓުވުމަށް ހެދިފައިވާ ކޮމިޓީންނެވެ. އެ ކޮމިޓީގެ އެންމެ އިސްފަރާތަކީ އީރާންގެ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. އަދި މީގެ އިތުރުން އެ ކޮމިޓީގައި ހިމެނެނީ ކޯޓުތަކުގެ އޮފިޝަލުންނާއި، ކޮމިއުނިކޭޝަން މިނިސްޓްރީ، ޕާލަމެންޓް، އެޑިއުކޭޝަން މިނިސްޓްރީ އަދި ގާނޫނު ތަންފީޒްކުރާ އިދާރާތްތަކުގެ އޮފިޝަލުންނެވެ. އެހެންނަމަވެސް ޖުޑިޝަރީގެ ސްޕޯކްސް ޕާސަންވަނީ އީރާންގެ ސަރުކާރުން ސިގްނަލް ބޮލޮކް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އޮފިޝަލުން ވިދާޅުވިގޮތުގައި މިއީ އީރާނުން ސިގްނަލް ބްލޮކްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އީރާންގެ ސަރުކާރުން ވަނީ 2016 އަދި 2017 ވަނަ އަހަރުގައި ވެސް ސިގްނަލް ބޭނުންކުރުން ބޮލޮކްކޮށްފަ އެވެ. ނަމަވެސް އޭރު އެހާ ބޮޑަށް މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައި ނުވަނީ އީރާންގައި ސިގްނަލް ބޭނުންކުރާ މީހުން މަދުވުމުންނެވެ.

އިނގިރޭސިވިލާތުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕް "އާޓިކަލް 19" ގެ މަސައްކަތްކުރާ އިންޓަނެޓް ރިސާޗާ މާޝާ އަލްމާޑަނީ ބުނިގޮތުގައި ސިގްނަލްވެފައިވަނީ އެންމެ ރައްކާތެރި އަދި އެންމެ އިތުބާރު ކުރެވޭ މެސެޖިން އެޕްލިކޭޝަން އަށެވެ. އަދި ވަކިން ހާއްސަކޮށް އެމެރިކާ ފަދަ ސާވައިލެންސް ޕްރޮގްރާމް އެންމެ ގިނައިން ހިންގާ ގައުމުތަކުގެ ވަކިތަކުން ވެސް ސިގްނަލް އެޕް ރައްކާތެރި އެވެ.

އިރާން ސަރުކާރުން އަބަދުވެސް ކުރަމުންދާ އިންސާނީ ހައްގުތަކާ ހިލާފު ކަންތައްތަކުގެ ސަބަބުންނާއި އިރާންގެ ރައްޔިތުންނަށް ފާރަލުމުގެ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ސިގްނަލް އެޕް ހިޔާރުކޮށްފައިވާ ކަމަށެވެ. އަދި ސިގްނަލް އެޕް ބްލޮކް ކުރިޔަސް ވީޕީއެން ބޭނުންކޮށްގެން މިހާރު ވެސް އީރާންގެ ގިނަ ބަޔަކު ސިގްނަލް އެޕް ބޭނުންކުރެ އެވެ.

އީރާނުން ވަނީ މީގެ ކުރިން ޓެލެގްރާމް، ޓްވިޓާ، ފޭސްބުކް، އަދި ޔޫޓިއިބްވެސް އިރާންގައި ބޭނުންކުރުން މަނާކޮށްފަ އެވެ. - އަލްޖަޒީރާ