"މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2023"ގެ ބެސްޓް ރިސޯޓް އެވޯޑު ޖޯލި މުރަވަންދު އަށް ލިބިއްޖެ އެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ގާލާ ނައިޓްގައި ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް އެވޯޑު ދީފަ އެވެ.

މި އަހަރުގެ ބެސްޓް ރިސޯޓުގެ އެވޯޑު ހާސިލުކޮށްފައި ވަނީ ޖޯލި މުރަވަންދޫ އެވެ. މީގެ އިތުރުން މި އަހަރުގެ ބެސްޓް ވޯޓާ ސްޕޯޓްސް ސެންޓަރަކަށް ހޮވިފައިވަނީ އޯޝަން ގުރޫޕް ޕްރައިވެޓް ލިމިޓެޑެވެ. އަދި ބެސްޓް ޑައިވާސް ސެންޓަރަކަށް ރަސްދޫ ޑައިވާސް ކުރަމަތި އަދި ބެސްޓް ޓްރެވެލް އޭޖެންސީއަކަށް ވޮޔެޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ ހޮވައިފަ އެވެ.

މި ފަހަރު މުޅިން އަލަށް ޓޫރިޒަމް ޕްރޮފެޝަނަލްސް އެވޯޑު ތައާރަފްކޮށް މިކެޓަގަރީން އެކި ގޮތްގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް ވަނީ އެވޯޑު ދީފަ އެވެ.

މި ފަހަރުގެ އެވޯޑަށް ފަސް ދާއިރާއަކުން 59 އެވޯޑެއް ދީފައިވާއިރު މި ރަސްމިއްޔާތުގައި ވަނީ 31 ފަރާތަކަށް އެވޯޑް ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމް މާސްޓަ ޕްލޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ޕްލޭނެއް ކަމަށެވެ. މިގޮތުން މީހުން ބިނާކޮށް ކުރިއެރުވުމުގައި އެ ޕްލޭން އިސް ދައުރެއް އަދާކުރާއިރު ފަތުރުވެރިކަމަށް އިތުރު ދިވެހިންނާއި، ބެޑް ކެޕޭސިޓީ އިތުރު ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި ބޭފުޅުންނާއި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި މިހާރު ވެސް އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.