ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ފެށުމަށް އެންމެ 10 ދުވަހަށް ވެއްޖެ އެވެ. މިއަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެ އެވެ.

މިއަހަރުގެ ޑީއެމްއާރްއާރް 2023ގެ ޕާރޓްނަރުންނަކީ:

  • ގޯލްޑް ޕާރޓްނަރަކަށް ޔުނިސެފް މޯލްޑިވްސް
  • ހޯސްޓިންގ ޕާރޓްނަރަކަށް އަރބަންކޯ
  • ސެކިއުރިޓީ އެންޑް ސޭފްޓީ ޕަރޓްނަރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް
  • މެޑިކަލް ޕަރޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
  • ފަރސްޓް އެއިޑް ޕަރޓްނަރަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓް

މީގެ އިތުރުން މި ދުވުމަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެއްވެސްމެ އެވެ.

މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާރޓްނަރުގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފަ އެވެ. އަދި މި ޕާޓްނަރުން ދަނީ ދުވުންތެރިންނަށް ރޭސް ދުވަހަށް ތައްޔާރުވުމަށް ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީ.އެމް.އާރް.އާރްއަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.