ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް 9.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް ވުރެ 28 އިންސައްތަ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 9.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކޮށްފައި ވަނީ 6.1 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓު ދައްކަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން:

  • ބިން ހިއްކުމުގެ މަޝްރޫއުތަކަށް، 2.5 ބިލިއަން ރުފިޔާ
  • އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫޢުތަކަށް، 1.2 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ
  • މަގު ހެދުމުގެ މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާ

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތައް އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރެއިން ބަޖެޓުން ޖާގަނުދެވި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ.

ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ނުވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.