މިއަހަރު އަލަށް އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ވާޖިން އެޓްލާންޓިކް، ސައިޕްރަސް އެއާވޭސް އަދި ބިއޯންޑް އެއާލައިންގެ ދަތުރުތައް ކަމަށެވެ.

ވާޖިން އެޓްލާންޓިކް އެއާލައިންގެ ދަތުރުތައް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓައި ދެމެދު އެވެ.

އެ އެއާލައިންއިން ރާއްޖެއަށް ހަފްތާއަކު 3 ދުވަހު ދަތުރުކުރާނެ އެވެ.

ސައިޕްރަސް އެއާވޭސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. އެއާލައިނުން ދަތުރުތައް ކުރާނީ ސައިޕްރަސްއާއި ރާއްޖެއާ ދެމެދު އެވެ.

ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތައާރަފްކުރާ މަތީ ފެންވަރުގެ ދަތުރުތަކަށް ހާއްސަ އެއާލައިން ކަމަށްވާ ބިއޯންޑުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ އެއާލައިންގެ ފުރަތަމަ ދަތުރުކުރުމަށްހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާގެ ރިޔާޟަށެވެ.

އެމްއޭސީއެލުން ބުނީ އެހެން އަހަރުތަކުގައި ވެސް ފިނި މޫސުމަށް ހާއްސަކޮށްގެން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއާލައިތަކުގެތެރެއިން 6 އެއާލައިނެއްގެ ދަތުރުތައް މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަޒުރު އެއާ ރަޝިއާ، އޮސްޓްރިއަން އެއާލައިންސް، ޔޫރޯވިންގްސް ޑިސްކަވާ އަދި ބެންކޮކް އެއާވޭސް ހިމެނެ އެވެ.

ރާއްޖެއަށް އަލަށް ދަތުރުތައް ފަށާ ތިން އެއާލައިނާއެކު، މިއަހަރުގެ ފިނި މޫސުމުގެތެރޭގައި ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރާނެ ކަމަށް ލަފާކުރެ އެވެ.