އެއާޕޯޓުގައި މަސައްކަތްކުރާ ރިސޯޓުތަކުގެ ރެޕްރެޒެންޓެޓިވުން (ރެޕް) އަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ރިސޯޓަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ މެހުމާންދާރީ އަދާކުރާ މީހުންނެވެ.

ފްލައިޓްތައް އަންނަން ވާއިރަށް ތައްޔާރުވެގެން ހެނދުނު ފަތިހާ ހޭލައިގެން ގޮސް ކޮންމެ ދުވަހަކު އެންމެ ފަހު ގެސްޓް މީހާ ފުރަންދެން އެ މީހާގެ ހުރިހާ ކަމަކާ ހަވާލުވެގެން ތިބެނީ މާލެގައި ތިބޭ ރިސޯޓުގެ ރެޕުންނެވެ. ގިނަ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނާ ހަވާލުވާ ރެޕުން ދިރިއުޅެނީ މާލޭގަ އެވެ. ޓޫރިސްޓުން ފުރުވާލަނީ ވެސް އެއާޕޯޓުގައި ތިބޭ ރެޕުންގެ އެހީތެރިކަމާއެކު އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ހިލާފަށް އެ ރިސޯޓެއްގެ އެއާޕޯޓު ރެޕުންގެ ކެއުމާއި ހުރުން ހަމަޖައްސަން ޖެހެނީ އެ މީހަކު އަމިއްލައަށެވެ. ނަމަވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއިން އެއްވެސް ކަމަކާމެދު ވިސްނާކަށް ނުޖެހެ އެވެ.

ރިސޯޓަކަށް އައި ގެސްޓަކަށް އެއާޕޯޓުގެ ރެޕުން އެހީތެރިވަނީ. ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ގާނޫނުގެ ރޫހާ ހިލާފަށް ކަމަށް ރެޕުން ބުނޭ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއެކު މިދިޔަ މަހުން ފެށިގެން ކޮންމެ ރިސޯޓަކުން ވެސް މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުން މާޖުބޫރެވެ. ނަމަވެސް މި ސާވިސް ޗާޖު ބެހުމުގައި ރެޕުންނާ މެދު އަމަލުކުރާ ގޮތާ މެދު ގިނަ މީހުން ހިތް ހަމަނުޖެހެ އެވެ.

އެތައް ރިސޯޓެއްގެ ގެސްޓުންނާ ހަވާލުވަނީ އެކަކު

ގިނަ ރިސޯޓުތަކުގެ ރެޕުންގެ މައިގަނޑު ޝަކުވާއަކީ މިއެވެ؛ ދެ ރިސޯޓު ނުވަތަ ތިން ރިސޯޓުގެ ގެސްޓުންނާ ހަވާލުވާ މީހާއަށް ސާވިސް ޗާޖު ދެނީ ބަހާލައިގެން ކޮންމެ ވެސް އެއް ރިސޯޓަކުންނެވެ.

"އެންމެންނަށް ވެސް މިހާރު ސާވިސް ޗާޖު ލިބޭނެ. އެކަމަކު ދެ ރިސޯޓު ހެންޑްލްކުރާ މީހުންނަށް ލިބެނީ ކޮންމެ ވެސް އެއްތަނަކުން،" މާލެ ކައިރީގައި އޮންނަ ފަސްތަރީގެ ރިސޯޓެއްގެ ރެޕަކު ބުންޏެވެ. "މިހާރު ސާވިސް ޗާޖު ދެނީ ކޮންމެ ރިސޯޓަކުން 50 ޕަސެންޓް. ދެނީ ދެ ރިސޯޓުން ބަހާލަނީ ހުރިހާ ރިސޯޓަކުން 100 ޕަސެންޓް."

އެ ރިސޯޓުން ކުރިން ދޭ އުސޫލުން ބަދަލުކުރުމުން މިހާރު ކޮންމެ ރެޕަކަށް މިދިޔަ މަހު ހާހެއްހާ ޑޮލަރު ގެއްލުވި އެވެ.

އެއާޕޯޓު ރެޕުން ބުނަނީ ދެ ރިސޯޓު ބަލަހައްޓާ ނަމަ ދެ ރިސޯޓުން ވެސް ފުލްކޮށް ސާވިސް ޗާޖު ދޭން ޖެހޭނެ ކަމަށެވެ. އެއީ ދެ ރިސޯޓެއްގައި އަދާކުރާ ވަޒީފާއަކަށްވާތީ ކަމަށް އެ މީހުން ދެކެ އެވެ.

"ނޫނީ އެއް ރިސޯޓެއް ހަވާލުކުރަންވީ. ދެ ރިސޯޓު ބަލަހައްޓާ ނަމަ ދެ ރިސޯޓުން ވެސް ސާވިސް ޗާޖު ދޭން ޖެހޭނެ،" އޭނާ ބުންޏެވެ. "ސާވިސް ޗާޖަކީ ގެސްޓް މީހާ ދޭ އެއްޗެއް. އެ މީހުން [ރިސޯޓު މެނޭޖްމަންޓުން] ބޭނުންވާ ގޮތަށް ބަހަން ޖެހޭ ސަބަބެއް ނެތް. މިއީ ސީދާ އެބިއުސްކުރުން."

ރާއްޖޭގައި ރިސޯޓު ހިންގާ ބައެއް ކުންފުނިތަކުން ދެ ރިސޯޓު ނުވަތަ އެއަށް ވުރެ ގިނަ ރިސޯޓަށް އަންނަ ގެސްޓުންނާ ހަވާލުވާން އެއާޕޯޓުގައި "ކްލަސްޓާ" ރެޕުން ހަމަޖައްސާފައިވެ އެވެ. މިހެން ހެދި ނަމަވެސް ގްރޫޕުން މެނޭޖްކުރާ ހުރިހާ ރިސޯޓަކަށް ލިބޭ މުޅި ސާވިސް ޗާޖު އެންމެނަށް އެއްވަރަކަށް ނުބަހަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ގޮވައިގެން އެއާޕޯޓު ރެޕަކު ޓާމިނަލުން ނުކުންނަނީ. ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ބަހާ ގޮތާ މެދު ރެޕުން ހިތްހަމަ ނުޖެހޭ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"ބައެއް ރިސޯޓުތަކުން ލީގަލް އެޑްވައިސް ހޯދިއިރު ބުނަނީ ކޮންމެ ވެސް އެއްތަނަކުން ފުލްކޮށް ދިނީމަ ގާނޫނުގައި ބުނާ ގޮތަށް ސާވިސް ޗާޖު ދެވުނީކަމަށް. މިހާރު މިކަމުގައި ދާނެ ކޮޅެއް ނޭނގިފައި މިތިބީ،" ރާއްޖޭގެ އަގުބޮޑު ދެ ރިސޯޓެއްގެ ރެޕެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ބައެއް ތަންތަނުން ގާނޫނުން ރެކެންވެގެން ރިސޯޓުތައް ވަނީ ވަކިވަކި ރެޕުންނަށް ބަހާލައިފަ އެވެ. މިހެން ހެދުމުން ބައެއް ރިސޯޓުތަކަށް އަންނަ ދެތިން ބަލަހައްޓަން އެއާޕޯޓުގައި ޗުއްޓީއެއް އޮފް ދުވަހެއް ނެތި ރެއާއި ދުވާލު ހޭދަކުރަން ޖެހެ އެވެ.

"މިގާނޫނު ހެދުމުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބުނީ ރިސޯޓު ވޯކާސްއަށް. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއެކު ވަކިވަކި ކޮށްލީ، އެކަމަކު އެގްރޫޕްގެ ހުރިހާ ރިސޯޓަކަށް މަސައްކަތްކުރަން ޖެހޭ،" ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓުގެ ރެޕަކު ބުންޏެވެ.

އެއާޕޯޓުގައި މަސައްކަތްކުރާ ރެޕުންނަށް މިހާރު އާރަމުކޮށްލާނެ ވަގުތެއް ނުލިބެ އެވެ. ޓާމިނަލްގެ ހޫނުގަދަ މާހައުލުގައި ދުވާލު ހަތަރުދަމު މަސައްކަތްކުރަން ޖެހުމުން އެ މީހުން ތިބެނީ ވަރުބަލިވެފަ އެވެ. މިކަން ރިސޯޓުތަކުގެ މެނޭޖްމަންޓަށް އިހުސާސެއް ނުވެ އެވެ.

ބައެއް ރިސޯޓުތަކުން ރެޕުންނަށް ސާވިސާ ޗާޖު ދޭ އުސޫލު

  • ވިލާގެ ރިސޯޓުތަކުގެ ތެރެއިން ސަން އައިލެންޑާއި ރޯޔަލް އައިލެންޑްގެ ސާވިސް ޗާޖު ދެނީ ކޮށްފައި. ޕެރެޑައިސް އައިލެންޑާއި ފަން އައިލެންޑުން ސާވިސް ޗާޖު ދެނީ ވަކިން ދެނީ
  • ލިލީ ބީޗް އާއި އައިލެންޑް ހައިޑަވޭގެ ސާވިސް ޗާޖު ދެނީ ކޮންމެ ވެސް އެއްތަނަކުން
  • އަނަންތާގެ ރިސޯޓު ކަމަށްވާ އަންތާރާ ކިހަވަށް އަދި ނިޔާމަ ރިސޯޓުން ސާވިސް ޗާޖު ދެނީ އެއްކޮށްފައި
  • ތާޖު އެގްޒޯޓިކާ އާއި ތާޖު ކޮރަލްގެ ސާވިސް ޗާޖު ދެނީ ކޮންމެ ތަނަކުން ވެސް 50 ޕަސެންޓް
  • އަންގްސާނާ އިހުރާއި ބަނިޔަންޓްރީ ވަށްބިންފަރުން ސާވިސް ޗާޖު ދެނީ އެއްތަނަކުން
  • ސެންޓާރާ ދެ ރިސޯޓު ކަމަށްވާ ރަސްފުށި އަދި ސެންޓާރާ ގްރޭންޑުން ސާވިސް ޗާޖު ދެނީ މުސާރަ ލިބޭ ރިސޯޓަކުން
  • އަދާރަން ފަސް ރިސޯޓުން ދެނީ ކޮންމެ ރިސޯޓަކުން ދެނީ 75 ޕަސެންޓް
  • ލަކްސް ދެ ރިސޯޓުން ސާވިސް ޗާޖު ދެނީ 75 އާއި 25 ޕަސެންޓް
  • ކޮންސްޓެންސް ހަލަވެލި، މޫފުށިން ދެނީ ގިނައިން ލިބޭ ރިސޯޓެއްގެ ސާވިސް ޗާޖު
  • ކޮކޫން ދެ ރިސޯޓުން ދެނީ ކޮންމެ ރިސޯޓަކުން 50 ޕަސެންޓް
  • މެރިއޮޓް އިންޓަނޭޝަނަލްގައި އޮންނަނީ ވަކިވަކިން އޮންނަނީ. މިއީ މުވައްޒަފުންނަށް އެންމެ ރަނގަޅަށް ސާވިސް ޗާޖުދޭ ކުންފުނި ކަމަށް ފާހަގަކުރޭ. މިއީ ބެޑް ގިނަ ބޭރުގެ ކުންފުނި
  • ކްރޮސް ރޯޑްސްގެ ދެ ރިސޯޓުން ސާވިސް ޗާޖު ދެނީ ކޮންމެ ވެސް އެއްތަނަކުން
  • ޔުނިވާސަލް އިން ހިންގާ ފާރުފުށި، ދިގަލިން ސާވިސް ޗާޖު ދެނީ އެއްކޮށްފައި
  • ރީތިފަރު ރިސޯޓާއި ރީތި ބީޗް ރިސޯޓުން ދެނީ ކޮންމެ ރިސޯޓަކުން 50 ޕަސެންޓް
  • ކޮމޯ މާލެފުއްޓާއި ކޮކޯއާ އިން ސާވިސް ޗާޖުދެނީ މާލެފުށީގެ ސާވިސް ޗާޖު
  • ހިލްޓަން ވޯލްޑްވައިޑް އިން ދެ ރިސޯޓު ހިންގާއިރު ދެ ރިސޯޓުގެ މުވައްޒަފުން ވަކިކޮށް، އެ ރިސޯޓަކުން ލިބޭ ސާވިސް ޗާޖު އެ ރިސޯޓެއްގެ ރެޕުންނަށް ދެނީ

ރިސޯޓުތަކުގެ ރެޕުންނާއި މާލޭ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދޭން ޖެހޭނީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނެކޭ އެއްގޮތަށް ގާނޫނުގައިވާ ގޮތަށް ތަފާތުކުރުމެއް ނެތި އެވެ. ގާނޫނު ރިސޯޓުތަކުން ބޭނުންވާ ގޮތަކަށް މާނަކޮށްގެން ހިތުހުރި ގޮތަކަށް ސާވިސް ޗާޖު ބަހާލައިގެން ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ރެޕުންގެ ޝަކުވާއަކީ ވެސް އެއީ އެވެ.