ތިން ޓެކުހެއް ދެއްކުމުގެ ސުންގަޑި މާދަމާ އަށް ހަމަވާތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން

ހަނދާންކޮށް ދީފި އެވެ.

މީރާ އިން ބުނީ މާދަމާ ތިން ޓެކުހެއްގެ ސުންގަޑި ހަމަވާނެ ކަމަށެވެ. މި ގޮތުން، މާދަމާއަކީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އަދި ގްރީން ޓެކްސް ފައިސާ ދެއްކުމުގެ ސުންގަޑި އާއި އެއާޕޯޓް ޓެކުހާއި ފީތައް ދައްކަންޖެހޭ ސުންގަޑި ހަމަވާނެ ކަމަށް މީރާ އިން ބުނެ އެވެ.

ދައިލަތުގެ ޓެކްސް އިދާރާ އިން ފާހަގަކޮށްފައިވާ ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑި އަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. އެހެންވެ ތަކުރާރުކޮށް ސުންގަޑި އަށް ޓެކްސް ބަޔާން ހުށަނާޅާ ނަމަ، އެ ފަރާތްތަކުގެ ޓެކުހާ ގުޅޭ ޖޫރިމަނާ ލުއިކޮށް ދިނުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ޖީއެސްޓީ ބަޔާން ހުށަހަޅާ އިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ވެސް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާ މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ.

ޖީއެސްޓީ ބަޔާން މީރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ އެވެ. އަދި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ވެސް ހުށަހެޅޭނެ އެވެ.