ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަލަސްޠީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފި އެވެ. މިއީ، އެމްޕީއެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން އެހީވުމަށް ހަދިޔާކުރި ފައިސާއެވެ.

އެގޮތުން، މި ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ "ގާޒާ އެމާޖެންސީ ރިލީފް" ފަންޑަށެވެ.

އެމްޕީއެލް އާއި މި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށެވެ.

އަދި މީގެ އިތުރުން، ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ މި ކުންފުނިން ވަނީ ނިންމައިފަ އެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.