އިންޑިއާގެ ބެންގަލޫރަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރަށް ހަފްތާއަކު ދެ ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވިއަން އިން ބުނީ، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. ބެންގަލޫރަކީ ދިވެހިން ބޭސްފަރުވާ އާއި އަދި އެހެނިހެން ބޭނުންތަކަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަނުން މި ފެށި ދަތުރުތަކާ އެކު ބެންގަލޫރާއި ރާއްޖެ އާއި ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބެންދާނެކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ވެސް މެ އެވެ. އެހެންކަމުން މި ދަތުރުތަކާ އެކު އިންޑިއާއިން އިތުރު ފަތުރުވެރިން ރާއްޖެ އަށް އައުމަށް ވެސް މަގުފަހިވެގެން ދާނެ އެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.