ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގްރައުންޑް ހޭންޑްލިންގެ މަސައްކަތަށް ހަލުވި ކުރަން އިތުރު ވެހިކަލްތަކެއް ގެނެސް ބޭނުން ކުރަން ފަށައިފި އެވެ.

ވީއައިއޭގެ މަސައްކަތްތަކަށް ގެނެސްފައިވާ އާ ވެހިކަލްތަކާއި، އިކުއިޕްމަންޓްތައް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އަދި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

އެމްއޭސީއެލުން ބުނީ ގްރައުންޑް ހޭންޑްލިންގެ މަސައްކަތްތަކަށް އިތުރުކޮށްފައިވާ ވެހިކަލްތަކާއި އިކުއިޕްމަންޓްތަކުގެ ތެރޭގައި 4 ފަސިންޖަ ބަހާއި، 4 އެއާކްރާފްޓް ސިޑި ބަރިއާއި، 2 ޔުނިވާސަލް ލޯޑަރާއި 2 ހައި ލޯޑަރާއި 10 ބެގޭޖް ޓްރެކްޓާ، 14 ގޮނޑީގެ 1 މިނީވޭން، 32 ގޮނޑީގެ ބަހެއް ހިމެނޭ ކަމަށެވެ.

ގްރައުންޑް ހޭންޑުލިންގެ މަސައްކަތަށް އިތުރު ވެހިކަލްތަކާއި އިކުއިޕްމަންޓު ގެނެސްފައިި މިވަނީ އެ އެއާޕޯޓުން އެއާލައިންތަކަށް ދޭ ޙިދުމަތްތައް އަވަސްކޮށް ހަރުދަނާކުރުމަށް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ކުރިއަށް އޮތް މަސްތަކުގައި އިތުރު އިކުއިޕްމަންޓުތައް ގެނައުމަށް ރާވާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުނެ އެވެ.