ދައުލަތުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް މިއަދުން ފެށިގެން ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުން ކުރިއަށްގެންދާ ފަސް މިލިއަން ރުފިޔާއިން މަތީގެ ހުރިހާ ޕްރޮކިޔުމެންޓުތަކެއް ދެން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މިގޮތަށް ހަމަޖައްސަވާފައިވަނީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަން ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ބީލަން ޕޯޓަލް ތަޢާރަފްކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. މިނިސްޓްރީން ބުނީ މިހާރު މިޕޯޓަލް އިތުރަށް ތަރައްޤީކޮށް ދައުލަތުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކެއް މިޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭގޮތަށް ފަރުމާ ކުރައްވާފައިވާ ކަމަށެވެ.

އެހެކަމުން މިއަދުން ފެށިގެން ދައުލަތުގެ އާއްމު ބަޖެޓުން އިޢުލާންކުރާ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ ބީލަންތައް ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީންވަނީ އަންގަވާފަ އެވެ.