ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ނިޒާމު ހިންގުމަށްޓަކައި އެ ނިޒާމު ރީފޯމް ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފަ އެވެ. އެ ބަޖެޓުގައި 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އާސަންދައަށެވެ.

ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، މި އަހަރަށް ލަފާކޮށް ހުށަހެޅި 42.8 ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހަރަދުތައް އިތުރުވެފައި ވަނީ އާސަންދަ އާއި ސަބްސިޑީ އާއި ލޯން ދޫކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމާއި ޕީއެސްއައިޕީން ކަމަށެވެ.

އާސަންދަ އަށް ބަޖެޓުގައި ހިމެނި ހަރަދު އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ނިޒާމު ކުރިއަށް ގެންދިއުމަށް ބޮޑެތި ރީފޯމްތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިއްމު ދައުރެއް އަދާކުރާ ނިޒާމެއް. މި ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ފެށުމަށް ރޭވި، ޔޫއެންޑީޕީ އާއެކު ވަނީ ގަނޑުކޮށް ބޭސް ގަތުމުގެ އިންތިޒާމް ހިމެނޭ އެއްބަސްވުމެއް ހަދާފައި،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިހާ ހިސާބަށް އައުން ލަސްވުމާއި އޯޑަރު ޖެހުން ލަސްވެފައިވާތީ އާސަންދައިގެ ހަރަދުން ލިބޭނެ ކަމަށް އަންދާޒާ ކުރި ސޭވިން ކުރިން އަންދާޒާ ކުރި ވަރަށް ރިއަލައިޒްވެފައި ނުވާ ކަމަށެވެ. އެހެންކަމުން އާސަންދަ ސްކީމަށް ބޭނުންވާ ހަރަދުތަކަށް މި އަހަރު ފާސް ކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުދާ ކަމަށް އޭނާ ވިދާޅުވި އެވެ.