ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށްޓަކައި ދިރާގާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އިން 25 ނޮވެންބަރުގެ ނިޔަލަށް ގައުމީ ޓެނިސް ސެންޓަރުގަ އެވެ. މި މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށްވުރެ ގިނަ ކުޅުންތެރިންގެ އިތުރުން ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ތައިލެންޑުން ވެސް ބައިނަލްއަގުވާމީ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށާއި އެތުލީޓުންގެ ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މި މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުން ބާރުވެރިކުރުވާ، ބައިނަލްއަގްވާމީ މައިދާނުތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލެވޭފަދަ ޕްލެޓްފޯމެއް ގާއިމު ވެގެންދާނެކަންވެސް ޔަޤީން،" ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ޓެނިސް އެސޯސިއޭޝަނުން ވަނީ ދިވެހި ޓެނިސްގައި ފާހަގަކޮށްލެވޭ މި އިވެންޓް ރާއްޖޭގައި ބޭއްވުމަށް ދިރާގުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އެކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.

"ދިވެހި ޓެނިސްގައި ފާހަގަކޮށްލެވޭ މި އިވެންޓް ރާއްޖޭގައި ބޭއްވުމަށް ދިރާގުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. މި މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެފަރާތްތަކުގެ ހުނަރު އިތުރަށް ކުރިއަރުވާ، ސަރަހައްދީ ކުޅުންތެރިންނާއި ވާދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަން،" ޓެނިސް އެސޮސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޑިރެކްޓަރު، އިގްނާޒް މަންސޫރު ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.