ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ޖެޓް ފިއުލް ރައްކާ ކުރަން ތަރައްގީ ކުރި އާ ފިއުލް ފާމްގެ ނެޓްވޯކް ޓެސްޓް ކުރަން ފަށައިފި އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރާ އާ ރަންވޭ ހަދާފައި ވަނީ ތެޔޮ ބައުރަޒު ރޭމްޕް މައްޗަށް ނުގެންގޮސް، ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރޭންޓް ސިސްޓަމް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ފިއުލް ހައިޑްރެންޓް ސިސްޓަމް ކޮމިޝަން ކުރަން ފެށުމާއެކު އެ ކުންފުނީގެ އަމާޒަކީ މި މަސައްކަތް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ހިދުމަތަށް ގެނައުން ކަމަށެވެ. މިސިސްޓަމްގެ ސަބަބުން ބޯޓުތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ކުޑަ ކުރެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

މި ސިސްޓަމްގެ ސަބަބުން ސީޕްލޭން ތަކަށް ތެޔޮ އަޅަން ބައުޒަރުގައި ތެޔޮ އުފުލުން ވެސް ނިމުމަކަށް އަންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ވީއައިއޭގައި ތަރައްގީކޮށްފައިވާ ފިއުލް ލައިން

އެއާޕޯޓްގެ ފިއުލް ހައިޑްރޭންޓް ނިޒާމު ގާއިމްކޮށްފައި ވަނީ އަށް ކިލޯމީޓަރުގެ ސަރަހައްދެއްގައި ހޮޅިއަޅައިގެންނެވެ. އެ ނިޒާމު ގުޅާލާފައި ވަނީ އެއާޕޯޓުގައި ގާއިމްކޮށްފައިވާ ފަހުގެ ފިއުލްފާމާ އެވެ.

ވީއައިއޭގައި ތަރައްގީކޮށްފައިވާ ފިއުލް ލައިން

ވީއައިއޭގައި ތަރައްގީ ކޮށްފައިވާ ފިއުލް ހައިޑްރެންޓް ސިސްޓަމް ގުޅާލާފައިވަނީ އެތަނުގައި ހަދާފައިވާ ބިޔަ ތެޔޮ ތާންގީތަކާ އެވެ. މިހާރު ވީއައިއޭގައި ހުންނަނީ 13 މިލިއަން ލިޓަރު ރައްކާ ކުރުމުގެ ކެޕޭސިޓީ އެވެ. ނަމަވެސް 37،000 އަކަމީޓަރުގެ އާ ފިއުލްފާމްއާއެކު މި އަދަދު ބޮޑުތަނުން އިތުރުވެގެން ދާނެ އެވެ. މިއީ މިހާރު ވީއައިއޭގައި ބޭނުންކުރާ ފިއުލް ފާމަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު މިނެކެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ޒަމާނީ ޓާމިނަލެއް ގާއިމްކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް މިހާރުވެސް ލަސްވެފައިވާ އިރު އާ ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން އެ ޓާމިނަލް ބޭނުންކުރަން ފެށުމަށެވެ.