ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ނަގާ ދާއިރާތައް އިތުރުކުރަން ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލަފާދީފި އެވެ.

ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފައި ވަނީ ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު 6.5 ޕަސެންޓްގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް 5.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިތުރުވަމުންދާ ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި އާމްދަނީ އިތުރުކުރުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތަކުގެ ގޮތުގައި ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުމާއި، ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން ހިމެނެ އެވެ.

އެ ރިޕޯޓުގައި، ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ކުރިމަގާ މެދު އުންމީދީ ތަސައްވަރެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި، މަޝްރޫއުތަކުގެ ހޭދަ އާއި ސަބްސިޑީތަކަށް ސަރުކާރުން ކުރާ ހަރަދު އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ނަގަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ވަނީ ކުރިމަތިވެފަ އެވެ.

މި މައްސަލަތައް ހައްލުކުރުމަށް، މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ބަދަލުވުމާއި އާމްދަނީ އިތުރުކުރުމާއި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދަރަނި ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ ގޮތަށް މާނަހުރި ގޮތެއްގައި އެޅޭ އަވަސް އަދި ނަތީޖާ ހާސިލްކުރެވޭ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވިފައި ވާއިރު، މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކޮށްފައިވިޔަސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް، ހާއްސަކޮށް ސަބްސިޑީއަށް ގެންނަން މި އަހަރަށް ރޭވި އިސްލާހުތައް ލަސްވެފައި ވާތީ، ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ވިސްނައިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

"ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ނަމޫނާ ދައްކާފައިވިޔަސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ބާޒާރުތަކުގައި އަގުތައް އުފުލުން، އަދި އިންފްލޭޝަން މަތިވުމުގެ ސަބަބުން ރާއްޖޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބާކީ ކުރެވޭ ފައިސާއަށް އަސަރުކުރުން ފަދަ އާ ލޮޅުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރޭވުންތެރިކަމާ އެކު ކުރިމަތިލާން ޖެހޭނެ،" ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު- ޒެރްވޮސް ވިދާޅުވި އެވެ. "ހާއްސަކޮށް ވިސްނުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމާއި ހަރަދުތަކާ ގުޅޭ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ގައުމުގެ މާލީ ނާޒުކު ކަންތައްތައް ހައްލުކޮށް، ދެމެހެއްޓެނިވި އަދި އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް އޮނިގަނޑެއް އެކުލަވާލައި ދިގުމުއްދަތުގެ ކުރިއެރުމާއި ތަނަވަސްކަން ކަށަވަރުކުރުމަށް އަވަސް ގޮތެއްގައި މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައި."