އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުންނިންމާލައިފިި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށް، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރަން ފަށާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓަށް ހުށަހެޅި ރިޕޯޓަށް އެދުވަހުގެ ޖަލްސަގައި ވަނީ ވޯޓަށް އަހާފަ އެވެ. ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވި އިރު، ބަޖެޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވީ 6.5 ބިލިއަން ރުފިޔާ އެވެ. އިތުރުކުރި ހަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓާއި ދަރަނި ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ޓްރާންސްފާ ހިމަނައިގެން ބަޖެޓް ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަންޖެހޭކަމަށް ހުށަހަޅަފައިވެ އެވެ. އެފައިސާގެ ތެރެއިން 12.4 ބިލިއަން ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.

ހަރަދު ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ބަޖެޓްގައި ހިމަނާފައި ވެއެވެ. އެއީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވޭގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުރުމާއި، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރުމުގެ އިތުރުން ސަރުކާރުގެ ވެލްފެއާގެ ގޮތުގައި ހަރަދުކުރާގޮތް ހަރުދަނާކުރުމެވެ.