ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓް ކުރާ އިރު ޓެރިފް އާ ނުލައި ފޮނުވަން ތުރުކީއާ އެކު އިއްޔެ މަޝްވަރާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ ތުޒްކޫއާ ބައްދަލުކުރައްވައި ރާއްޖެއާ އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ.

އެގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓު ކުރާ އިރު ދައްކަންޖެހޭ ޓެރިފް ކަނޑާލުމަށް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރި ގުޅުން ބަދަހިކޮށްގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު އުސްމިނަކަށް ގެންދެވޭނެ ކަމަށެވެ.

ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.