ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެހީގައި ގައުމީ ކުތުބުހާނާއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމު ކުރުމާއި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީ ކުރުމާއި ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.

އަދި ކުތުބުހާނާގައި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުމާއި ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން ހިމެނޭ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ. ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބަހައްޓާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ގައުމީ ކުތުބުހާނާ އަށް ކުރެއްވި ޒިޔާރަތުގައި

މީގެ އިތުރުން ބީއެމްއެލްއިން ބުނީ މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބަޔަކާއި ސައިލެންޓް ރީޑިން ރޫމާއި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރިއެއް ވެސް ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑު ކޮށްފައިވާއިރު ލައިބްރަރީގެ އިނގިރޭސި ފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ގައުމީ ކުތުބުހާނާ އަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ކުތުބުހާނާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވި އެވެ.