މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރަށް އަންނަ އަހަރު ކުރީކޮޅު ދަތުރުރައް ފަށާނެ ކަމަށް ބުނެފި އެވެ.

މަންޓާ އެއާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މަންޓާ އެއާގެ ދަތުރުތައް ފުޅަކުރުމަށް އަންނަ އަހަރުގެ ކުރީކޮޅު އިންޑިއަގެ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 24 ގައި ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތައް ކުރާނީ ދ. ކުޑަހުވަދޫ އެއާޕޯޓުން ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ދ. އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިންގަ އެވެ. މި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް އެތައް ގޮތަކުން ލުއިފަސޭހަ ވެގެންދާނެ ކަމަށް މަންޓާ އެއާއިން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ ދަ "އިންޑިއަން އެކްސްޕްރެސް" އަށް މަންޓާ އެއާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މައުމޫން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ރާއްޖޭގެ ދަތުރުތައް މެދުވެރިކޮށް މަންޓާ އެއާގެ ދަތުރުތައް ފުޅާވުމާއެކު އިންޑިއާގެ ފަތުރުވެރިންގެ ޝައުގުވެރިކަމާއި ބުކިންތައް އިތުރުވާނެ ކަމަށެވެ.

މީގެ ސަބަބުން ދ. އަތޮޅުގެ ރިސޯޓްތަކަށް އެކަމުގެ ފައިދާ ކުރަނެ ކަމަށް މައުމޫން ވިދާޅުވި އެވެ.