ވޭލާނާ އިންޓަނޭޝަނަލް އެއަޕޯޓު (ވީއައިއޭ) ގައި ބޭނުންކުރާ އެއަރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ނިންމާ ހިދުމަތްދޭން ފަށައިފި އެވެ.

މި އަހަރު ކުރީކޮޅު ފެށުނު މި މަޝްރުއޫގެ މަސައްކަތް ނިމުމާ އެކު ވީއައިއޭގައި މިހާރު ގާއިމް ކުރެވިފައި ވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެކެވެ.

މި ސިސްޓަމަކީ ބައިނަލް އަގްވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި، އެއާލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާ ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާެި ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެކެވެ. މައިގަނޑު ގޮތެއްގައި މި ޕްލެޓްފޯމްގައި ރައްކާތެރިކަމާ އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާ ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެ އެވެ. ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެ އެވެ.

މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާ އެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަނެޓް މެދުވެރިކޮށް އެއަލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭނެ އެވެ.

މި ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއުއެކެވެ. އައިޑީއެސް އެއާނެވް އިން ވަނީ، މި ސިސްޓަމް ވީއައިއޭގައި ގާއިމުކުރުމުގެ އިތުރުން އެއަރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފަ އެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީން ވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފަ އެވެ.

ވީއައިއޭގައި އާ އޭރޮނޯޓިކްސް މެސެޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކޮށް ބޭނުން ކުރަން ފެށުން (ފޮޓޯ/އެމްއޭސީއެލް)

މިއީ ވީއައިއޭ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ހިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.

މި ހިދުމަތް ފޯރުކޮށްދެމުންދާނީ މިހާރު ވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއާ ނެވިގޭޝަންގެ ހިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އިންނެވެ.