ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލްގައި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައި ރާއްޖެއަށް ވަނި ގިނަ އެވޯޑްތަކެއް ލިބިގެން ގޮސްފަ އެވެ.

ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް މި އަހަރު 11 އެވޯޑެއް ލިބުނެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަހައްދުން 22 އެވޯޑެއް ވެސް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފަ އެވެ.

އެގޮތުން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ހާސިލްކުރުމުގެ އިތުރަށް އަލަށް ދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. މީގެ އިތުރުން ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023 ގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) ހޮވުމުގެ އިތުރުން ސްޕެޝަލް އެޗީވްމަންޓް އެވޯޑް 2023 ލިބުނީވެސް އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ ތައްޔިބު މުހައްމަދަށެވެ.

ރާއްޖެއަށް ލިބުނު އެންމެ މަގުބޫލު މަންޒިލްގެ އެވޯޑާ އެމްއެމްޕީއާރުސީގެ ފަރާތުން ހަވާލުވެ ފޮޓޯއަކަށް ހުއްޓިލައިގެން

ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބުނީ ޓީއެމްއޭ އަށެވެ.

ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް ލިބު އެވޯޑްތައް

 • ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
 • ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު: އެމްއެމްޕީއާރުސީ
 • ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ: ޓްރާން މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
 • ވޯލްޑް ލީޑިން އެއަރޕޯޓް ރިސޯޓް: ހުޅުލޭ އައިލެންޑް ހޮޓެލް
 • ވޯލްޑް ލީޑިން ބުޓީކް އެއަރޕޯޓް ހޮޓެލް: ހޮޓެލް ޖެން
 • ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
 • ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
 • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ވޮއްމުލި މޯލްޑިވްސް
 • ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް: ވެލާ ޕްރައިވެޓް އައިލެންޑް
 • ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
 • ވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް