ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 614.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މުސާރަ ދިނުމާއި މަޝްރޫއުތައް ހިންގުމަށް 520 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާގައި ވަނީ ހޭދަކޮށްފަ އެވެ.

އެންމެ ބޮޑު ހޭދައެއް ކުރީ މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ސަރުކާރުން ހިންގުމުގެ ހަރަދަށް 314 މިލިއަން ރުފިޔާ ވަނީ ހޭދަ އެވެ. އޭގެ ތެރެއިިން ސަބްސިޑީގެ ހަރަދަށް 186 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެކި މަޝްރޫއުތަކަށް 206 މިލިއަން ރުފިޔާ ހޭދަކުރިއިރު، މަގު ހެދުން ފަދަ މަޝްރޫއުތަކަށް ވަނީ 185 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހު ޓެކްސްގެ ގޮތުގައި 261 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ވަނީ 53 މިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.