ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ހިންގާ މަޝްރޫއެއްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 100 މިލިއަން އެމެރިކާ ޑޮލަރަށް ކުޑަކޮށްފި އެވެ.

މީގެ ކުރިން އެސްއީޒެޑްގައި ހިންގާ މަޝްރޫއަކަށް އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭ މިންވަރަކީ 150 މިލިއަން އެމެރިކާ ޑޮލަރެވެ.

ރައީސް މުޙައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވަނީ އެ އަދަދު 100 މިލިއަން އެމެރިކާ ޑޮލަރަށް ކުޑަކޮށްފަ އެވެ.

އެސްއީޒެޑްގައި ހިންގާ މަޝްރޫއުގެ ތެރެއިން މިއަދު ރައީސް މުއިއްޒު ނެރުވި ގަރާރުން ވަނީ "ގޭސް އެކްސްޕްލޮރޭޝަން (ތެޔޮ ހޯދުން)" އަދި "އިއާދަކުރަނިވި ހަކަތަ" ވަކިކޮށްފަ އެވެ. މި ލިސްޓަށް އިތުރުކޮށްފައިވަނީ "ފުޑް ސެކިއުރިޓީ" ބައި އެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތައް

  1. އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތައް
  2. ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް.
  3. ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް.
  4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް.
  5. އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  6. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް.
  7. ފުޑް ސެކިއުރިޓީ ދާއިރާ

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.