މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރީ އިންޑިއާ އިންނެވެ. އެ މުއްދަތުގެ ތެރޭގައި އިންޑިއާ އިން 205،278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާ އިންނެވެ. ރަޝިއާ އިން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 203،539 އަށް އަރައިފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ރާއްޖެ އައީ ޗައިނާގެ ފަތުރުވެރިންނެވެ. ޗައިނާ އިން އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 185،761 ފަތުރުވެރިންނެވެ.

ޗައިނާ އަށް ފަހު، ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސި ވިލާތާއި ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިނާއި ސްވިޒަލެންޑުންނެވެ.

މި އަހަރުގެ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 8،054 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ރާއްޖެ އަށް މިހާރު އެވްރެޖްކޮށް، 6،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިދިޔަ ސަރުކާރުން އަމާޒު ހިފީ މި އަހަރުގެ ތެރޭގައި 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލްވެފައިވާ އިރު، މިހާތަނަށް އައިއިރު، އިތުރަށް 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފަ އެވެ.