މިއަހަރުގެ މިހާތަނަށް ރާއްޖެ 102،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 102،107 ޓޫރިސްޓުން އައިސްފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެކަނި ވެސް 10،004 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 49.5 ޕަސެންޓް ދަށް އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އަދިވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އެ ގައުމުން އެކަނި 22،178 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 21.7 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 20،027 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 19.6 ޕަސެންޓެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔުކްރެއިނުންނެވެ. އެ ގައުމުން ވެސް 7،373 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 7.2 ޕަސެންޓެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 624 ޓޫރިސްޓު ފެސިލިޓީއެއްގެ 43،656 އެނދު ބޭނުންކުރެ އެވެ. މީގެ ތެރޭގައި 145 ރިސޯޓާއި 333 ގެސްޓްހައުސް އަދި 135 ސަފާރީ އުޅަނދާއި 11 ޓޫރިސްޓް ހޮޓަލެއް ވެސް ހިމެނެ އެވެ.