އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެޔޮ ރައްކާކުރަން މިހާރު ބޭނުންކުރާ ކ. ފުނަދޫގައި އެ މަސައްކަތް ހުއްޓާލައި، އެރަށް އިގްތިސޯދީ ހަބަކަށް ބަދަލުކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތިގައި ރައީސް ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރުން މި އަހަރު ހުއްޓާލާނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން ވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވީއައިއޭގެ ތަރައްގީގެ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއާޕޯޓް ބޮޑުކުރަން ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމާފައި ވަނީ ފުރަނަ ފުއްޓަށެވެ.

ވިޔަފާރީގެ ހާއްސަ ސެންޓަރުތަކާއި ހޮޓެލްތަކާއި ކޮންވެންޝަން ފެސިލިޓީގެ އިތުރުން މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ވެސް ފުނަދޫގައި ގާއިމް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ހުޅުލޭގައި ހިންގާ ސީޕްލޭން ޓާމިނަލް ވެސް ފުނަދުއަށް ބަދަލު ކުރަން ނިންމާފައިވާ އިރު ހުޅުލެއިން އަދި ހުޅުމާލޭން ސީޕްލޭން ޓާމިނަލް އަށް ބުރިޖުއެޅި ވަށައިޖެހޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް، ހާއްސަކޮށް މޮނޯ ރޭލް ސިސްޓަމެއް ގާއިމް ކުރެވި ފަސޭހަކަމާ އެކު ފަސިންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރު ކުރެވޭ ފަދަ ނިޒާމެއް ގާއިމް ކުރާނަން." ރައީސް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓް: މި ޚަބަރުގައި ސީޕްލޭން ޓާމިނަލް ބަދަލުކުރަނީ ފުނަދުއަށް ކަމަށް ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.