ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު، ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އެކްސްގައި މިއަދު ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މުހިންމު ކަންތައްތަކަކާމެދު މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓެގަރީއެއް ތައާރަފުކުރުމާއި، މީޑިއާތަކަށް ހާއްސަކޮށްގެން ގާއިމުކުރުމަށް ނިންމާފައިވާ މީޑިއާ ވިލެޖުގެ މަސައްކަތް ތަކާ ގުޅޭގޮތުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވޭނެ ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރަން ނިންމާފައިވާއިރު "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ"ގެ ނަމުގައި ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމުގެ މަގުފަހިކުރުމަށް އާ އިދާރާއެއް އުފައްދަވަން ނިންމަވައިފައިވާކަމަށް ދާދި ފަހުން ސަރުކާރުން ވަނީ އިޢުލާން ކުރައްވައިފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި، އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.