މި ސަރުކާރުގެ ބައެއް ނައިބު ވަޒީރުން އިންޑިއާއަށް ބަދުބަސްތައް ރައްދުކޮށްފައިވާތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ނިސްބަތްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ން އެކަން ކުށްވެރިކޮށްފި އެވެ.

މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ އަވައްޓެރި، ގާތް ގައުމެއް ކަމަށެވެ. އަދި އިންޑިއާގެ ސަރުކާރުންނާއި އިންޑިއާގެ ރައްޔިތުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމަށްޓަކާ އެ ޖަމިއްޔާއިން ޝުކުރު އަދާކުރި އެވެ.

މަޓީގެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑްގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގައި އިންޑިއާގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ކަމަށެވެ. ހަމަައެހެންމެ އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގާތްގުޅުން އެތައް ޖީލަކަށް ދެމިގެން ދިޔުމަށް އެދޭ ކަން ފާހަގަކުރައްވައި، އެކަން ކަށަވަރު ކުރުމަށްޓަކައި، ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފަދަ ބަސްބުނުމާއި ކަންތައްތައް ކުރުމުން ދުރުހެލިވުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއާ އަށް އެތެރެ ނުވެވޭ ގޮތަށް ބްލެކް ލިސްޓް ކުރީ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދުއެވެ. އެ ތިން ބޭފުޅުންނަށް އިންޑިއާއަށް ނުވަދެވޭގޮތަށް މިހާރު ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ.