ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތަކުގެ ތެރެއިން ރީސްޓަރަކްޗާ ކުރަންޖެހޭ ކުންފުނިތައް ރީސްޓްރަކްޗާކޮށް، އުވާލަން ޖެހޭ ކުންފުނިތައް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ މިއަދު ކުރިއަށްދިޔަ ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް ފައިދާގައި ހިންގަން ސިޔާސަތެއް އެކުލަވާލުމަކީ ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އަދި އެއީ ހަފުތާ 14 ގެ އެޖެންޑާގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން ހަރަދުކުރަން ނުޖެހި ފައިދަވާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖައާކޮށް ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ހާއްސަ ކީ ޕާފޯމަންސް އިންޑިކޭޓާސް ކަނޑައަޅައި، ތިން މަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރެވޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ޖެހިއްޖެ ހާލަތެއްގައި ރީސްޓްރަކްޗާ ކުރުމާއި މާޖު ކުރަން އަދި އުވާލުމުގެ މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ތިން މަސް ދުވަސް ތެރޭގައި، އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލު ތަންފީޒު ކުރަން ފަށަން ވެސް ކެބިނެޓުން ނިންމާފައިވެ އެވެ.

"އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މިއަހަރު ތެރޭގައި ހަރުދަނާކޮށް، ކޭޝްފްލޯ ހަމަޖެއްސޭނެ ގޮތްތައް ހޯދައިދީ، ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރާ ކުންފުނިތައް ރީސްޓްރަކްޗާކުރަން ޖެހޭ ހާލަތްތަކުގައި ރީ ސްޓަރްކްޗާ ކުރުމާއި މާޖް ކުރުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީގެ އިތުރުން އިތުރު ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ. އެ ކުންފުނި އުފައްދަނީ އެމްޓީސީސީގައި މަސައްކަތްތައް ފުނި ޖެހިފައި ހުރުމުގެ ސަބަބުން މަސައްކަތް ލުއިކުރުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓް ދައްކާ ގޮތުގައި ސަރުކާރުގައި 32 ކުންފުންޏެއް އެބައޮތެވެ. މި ކުންފުނިތަކުގައި ދަރަނި އިންތިހާއަށް ބޮޑެވެ. އަދި ގިނަ ކުންފުނިތަކަކީ ބަޖެޓުން ފައިސާ ޕަންޕުކޮށްގެން ހިންގާ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.