ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތައްކުން ދައްކައިފި އެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އޭޑީއެފްގެ ގޮތުގައި ދައުލަތަށް 1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިފަ އެވެ. މި ދެ ފީއަކީ ވަކިވަކިން ނަގާ ދެ ފީ އެކެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ 2022 ވަނަ އަހަރު ލިބުނު 849 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 18.9 ޕަސެންޓް އިތުރު އަދަދެެކެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބުނުއިރު އެއީ 2022 ވަނަ އަހަރު ލިބުނު 830 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 18.3 ޕަސެންޓް އިތުރު އަދަދެކެވެ.

ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ ޖަނަވަރީ 1، 2022 އިން ފެށިގެންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު

އެއާޕޯޓު ޓެކުހާއި ފީގެގޮތުގައި ލިބުނު އާމްދަނީ އިތުރުވިއިރު، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ.