އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފި އެވެ.

އެސްޑީއެފްސީ އިން ވަނީ ފިފްޝީން، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.

ފިފްޝީން މީގެކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ފާތިމަތު މީޒާ އާދަމް އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރީ 18 މާޗް 2019 ވަނަ ދުވަހު އެވެ.

އެސްޑީއެފްސީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.