'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ'އެއް ތަރައްގީކުރަން އިހަވަންދިއްޕޮޅަކީ 'ސްޕެޝަލް އިކޮނޮމިކް ޒޯން'އެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ.

އިހަވަންދިއްޕޮޅު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އުފެއްދި ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އަކީ އެ މަޝްރޫއުގެ މާސްޓަ ޑިވެލޮޕަރު ކަމުގައި ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަކީ މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރި ހިމެނޭ ގޮތަށް ހިންގާ އިންޓަގްރޭޓަޑް މަޝްރޫއެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އިއުލާން ކުރެއްވި މަޝްރޫއެކެވެ.

ބަނދަރަކާއި އެއާޕޯޓެއްގެ އިތުރުން ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ޔާމީން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ވެރިކަން ނިމުނުއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއްނުވެ އެވެ.