ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މިހާރު އޮތް ފަންނީ އަދި މާލީ ހާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާއި ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯ އާއި ފެނަކަ އާ ދެމެދު ވެވުނު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަގްސަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަންޖެހިއްޖެ ނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން"، ފަހުމީ ވިދާޅުވިއެވެ.

ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މި ވެވުނު ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ސްޓެލްކޯއިން އެހީވެދޭނެ ކަމަށެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގެ ރޮގުންނާއި އިލެކްޓްރިކަލް އިންޖިނިއަރިންގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް"، ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ޚިދުމަތްދޭ ރަށްތައް ގިނަވުމުން، މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުޅާވެ، ދެވޭ ޚިދުމަތަށް ރައްޔިތުންގެ ޔަޤީންކަން އިތުރުވެގެންދާނެ ކަމަށެވެ.